ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ތިލަފުށިން ބިން ދޫކުރާތީ އިހުތިޖާޖު ކުރަން އިދިކޮޅުން ނިންމައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ގަވައިދާ ހިލާފަށް ބިދޭސީންނަށް ރާއްޖެއިން ދޫކުރާ ބިންތައް ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އަތުލާނެ ކަމަށެވެ.
އަދި ބިން ދިނުމާއި ދެކޮޅަށް ފެބްރުއަރީ 17 ވާ ހުކުރު ދުވަހު އެ ކޯލިޝަނުން އިހުތިޖާޖު ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.
ތިލަފުށިން ސިނާއީ ބޭނުންތަކަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލީ ބުދަ ދުވަހުއެވެ.
އެެޗްޑީސީން ބުނީ ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700ރުފިޔާއެވެ.



