ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގައި ބުރާސްފަތި ދުވަހު ތިން މެޗު ކުޅެފިއެވެ. ބުރާސްފަތި ދުވަހު ހަވީރު މުބާރާތް ފަށާފައިވަނީ އަންހެން ޑިވިޝަނުގެ އެފްޑަބްލިއު ސްޕޯރޓްސް އާއި ލާމު ޔޫތު ޑިވޮލޮޕްމަންޓެވެ. މިމެޗް ސީދާ ތިން ސެޓުން ކާމިޔާބު ކުރީ އެފްޑަބްލިއު ސްޕޯރޓްސް އެވެ. މެޗްގެ ސެޓްތައް އެފްޑަބްލިއު ސްޕޯޓްސް އިން ގެންދިޔައީ 25-22، 25-06 އަދި 27-25 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްޑަބްލިއު ސްޕޯރޓްސްގެ މަރިޔަމް ޝިޒާނާއެވެ.
މުބާރާތުގެ ދެވަނަ މެޗްގައި ރޭ އަށެއް ޖެހިއިރު ކުޅުނީ އަންހެން ޑިވިޝަނުގެ ބެސްޓް އަދި އަކިރިކޮޅު ސްޕޯރޓްސް ކްލަބެވެ.

މި މެޗް ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ގެންދިޔައީ ބެސްޓް ޓީމުންނެވެ. އެގޮތުން ސެޓްތައް ގެންގޮސްފައިވަނީ 25-15، 19:25 އަދި 25-17 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބެސްޓްގެ ފާތިމަތި މަޒިއްޔާއެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުަރަމަ މެޗްގައި ރޭ ބައްދަލުކުރީ ބެސްޓް އަދި ލެކްރޮސް ސްޕޯރޓްސް ކްލަބްއެވެ.
ހަތަރު ސެޓް ކުޅުނު މި މެޗް ތިން ސެޓް ހޯދައިގެން ކާމިޔާބު ކުރީ ލެކްރޮސް ސްޕޯރޓްސް ކްލަބެވެ. މިމެޗް ފުރަތަ ސެޓް ގެންދިޔައީ ބެސްޓް އިންނެވެ. ނަމަވެސް ފަހަތުން އަރާ ލެކްރޮސް އިން ޖެހި ޖެހިގެން ތިން ސެޓް ހޯދިއެވެ.

ލެކްރޮސްއިން ސެޓްތައް ގެންގޮސްފައިވަނީ 21-25، 25-21، 25-21 އަދި 25-14 އިންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލެކްރޮސް ސްޕޯރޓްސް ކްލަބްގެ އަލީ މައުރޫފުއެވެ.



