އެއްވެސް ރަށެއްގައި ފެށިފައި ހުރި އެއްވެސް ކަމެއް ހުއްޓާލުމެއް، އަދި ތަރައްގީ ގޮތުން ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމަކީ ހުއްޓާލާ އެކަމުގެ ކުރި މަރާލަން ޖެހޭ ވަރުގެ ކަންކަމެއް ނޫން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަކީ ތަރައްގީގެ ފިކުރުގެ މީހުން ކަމަށާއި، ކަންކަން ދަސްވެފައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަަމަށެވެ. އަދި އެމަނިކުފާނަކީ ތަރައްގީގެ ބާނީ ކަމަށާއި، ތަރައްގީ ރައްޔިތުންނަށް ލިބޭނެމަ ފިކުރަކަށް ވާނީ އެކަން ކޮށްދެއްވުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އަދި ފެށިފައި ހުރި ހައުސިންގ މަޝްރޫއޫތައް ހުއްޓާލުމަކީ އެއްގޮތަކަށްވެސް ކުރައްވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއް ކަމަށެވެ. އެހެންކަމުން ގެދޮރުވެރިކަމުގެ މައްސަަލަ ހައްލު ކުރުމަކީ އެންމެ މުހިންމު އެއް ސިޔާސަތަަށް ވާން ޖެހޭ ކަމަށް ވިދާޅުވިއެެވެ.
ޑރ. މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީގައި ވެސް އެންމެ ބޮޑު މައްސަަލައަކަށް ދިމާވެފައި ވަނީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށެވެ.




ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ހަމައެކަނި ގޯތި ދިނުމާއި ފްލެޓް އެޅުން ވެސް އެކަނި ނޫން ކަމަށެވެ. އެއީ ގޯއްޗެއް ދިނަސް ގެދޮރު ބިނާވެގެން ނުދާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުގެ ސިޔާސަތު އެންމެ މައްޗަށް ބައްޓަން ކޮށްފިނަމަ ގެދޮރު ބިނާކުރަން ކޮންމެ ރައްޔިތަކަށް ވެސް ފުރުސަތުތައް ފަހިކޮށްދެވޭ ކަމަށް ވިދާޅުވިއެވެ.



