ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި މިރޭ ރާއްޖޭގެ އަންހެން ވޮލީ ޓީމު ކުޅޭ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ދިއުމަށް ވޮލީބޯޅަ އެސޯސިއޭޝަނުން އެދިއްޖެއެވެ. ވޮލީ ބޯޅަ އެސޯސިއޭޝަނުގެ ނައިބު ރައީސް އައިދާ އަބުދުލް ހަކީމް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިން، މިރޭ 20:30 އަށް ރާއްޖެ ޓީމު ކުޅޭ ސެމީ ފައިނަލް މެޗަށް ދިއުމަށް ގައުމީ ވޮލީ ޓީމާއި ވޮލީބޯޅަ އެސޯސިއޭޝަނުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ސަޕޯޓަރުން ފެނިގެން ދިއުމަކީ ޓީމަށް ލިބޭނެ ހިތްވަރެއް ކަމަށް އައިދާ ކޮށްފައިވާ ޕޯސްޓްގައި ލިޔެފައިވެއެވެ.

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި މިރޭ ރާއްޖެ ބައްދަލު ކުރާނީ ތަޖަކިސްތާނާއެވެ. މި މުބާރާތުގެ ގުރޫޕު ސްޓޭޖްގައި ވެސް ތަޖަކިސްތާނާއި ރާއްޖެ ބައްދަލުކޮށްފައިވާއިރު، އެ މެޗް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ.
މިހާރު ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިމުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗަށް ބަލާއިރު ދެ މެޗުން ވަނީ މޮޅުވެފައެވެ. ރާއްޖެ ބަލިވެފައިވަނީ ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ރާއްޖޭގައި ކުރިއަށްދާ މި މުބާރާތުގައި ރަން މެޑަލް ހޯދުމުގެ އަޒުމުގައި ވޮލީ ޓީމު ކުޅެމުންދާއިރު އެ ޓީމަށް ބޭނުންވަނީ ސަޕޯޓަރުންގެ ސަޕޯޓެވެ. ރާއްޖެއާއި ތަޖަކިސްތާނު ބައްދަލުކުރާ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގެ މެޗު އޮންނާނީ މިރޭ 20:30 ގައި ސޯސަލް ސެންޓަރުގެ އެތެރޭ ކޯޓުގައެވެ.



