އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކަށް ދެމުން އައި އެލަވަންސްގެ ބަދަލުގައި ރަސްމީ މުސާރައެއް ލިބޭނެ ގޮތް ހަމަޖައްސައި ރޯދަމަހުގެ އިނާޔަތް ދޭން ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައިި ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށައެޅި އެ އިސްލާޙަށް ވޯޓަށް އެހުމުން އެ ބިލު ފާސްވެފައި ވަނީ 72 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މި އިސްލާހުގައި ވަނީ ޑަބްލިއުޑީސީތަކުގެ މެންބަރުން ވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަންގައި ހިމަނައިގެން މުސާރަ ދިނުމަށް ހިމަނައިފަ އެވެ. އޭގެ ދަށުން ރޯދަމަހު ދޭ އެލަވަންސް ވެސް ޑަބްލިއުޑީސީ އަށް ލިބެން ވާނެ ކަމަށް އިސްލާހުގައި ވެ އެވެ.
އޭގެ އިތުރުން އަންހެނުންގެ ކޮމިޓީތައް މާލީގޮތުން ބާރުވެރި ކުރުވުމަށް މުހިއްމު އިސްލާޙުތަކެއް އެ ޤާނޫނަށް ވަނީ ގެނެސްފައެވެ.
މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީގެ ރައީސަށް 7،000ރ. އަދި ނައިބު ރައީސަށް 6،500ރ. މިހާރު ލިބެ އެވެ. މެމްބަރަކަށް ކަނޑައަޅާފައި ވަނީ 6،000ރ. އެވެ.
ރަށު ކައުންސިލްތަކުގެ ރައީސަށް 6،000ރ. އާއި ނައިބު ރައީސަކަށް 5،500ރ. އާއި މެމްބަރަކަށް 5،000ރ. ވަނީ ކަނޑައަޅައިފަ އެވެ.



