ފޮރިން ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންގެ އަދަދު ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ފޮރިން މިނިސްޓަރ ޑރ. ޚަލީލަށް ހުށަހެޅުއްވި ސުވާލުގައި، “ރާއްޖޭގެ ފޮރިން ސާވިސް ޤާނޫނުގެ 41 ވަނަ މާއްދާގެ ށ. މާއްދާގެ ހ. ގެ 1 އަދި 4 ވަނަ ނަމްބަރުގައި ބަޔާންކުރާ މުވައްޒަފުން އައްޔަންކުރަންވާނީ ފޮރިން ސާވިސް މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 އިންސައްތައަށްވުރެ ގިނަ ނުވާނެ ގޮތުގެ މަތިން” ކަމަށް ބަޔާންކޮށް، މިހާރު މި އަދަދު އިތުރުވެފައިވާތީ އަސްލު އަދަދު ސާފުކުރެއްވިއެވެ.
މިނިސްޓަރު ދެއްވި ޖަވާބުގައި، 2023 އޮކްޓޯބަރުގެ ނިޔަލަށް ހެޑްކުއާޓަރސްގައި 98 އަދި މިޝަންތަކުގައި 39 މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 137 ފޮރިން ސަރވިސް މުވައްޒަފުން ތިބިކަމަށް ވިދާޅުވިއެވެ. އަދި ހަމަ މި މުއްދަތުގައި ޕޮލިޓިކަލް މުވައްޒަފުންގެ ގޮތުގައި ހެޑްކުއާޓަރސްގައި 18 އަދި މިޝަންތަކުގައި 98 މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 116 މުވައްޒަފުން ތިބިކަން ހާމަކުރެއްވިއެވެ.
އަދި 2025 ޖެނުއަރީގެ ނިޔަލަށް ފޮރިން ސަރވިސްގެ މުވައްޒަފުންގެ އަދަދު 139 އަށް އަދި ޕޮލިޓިކަލް މުވައްޒަފުންގެ އަދަދު 132 އަށް އިތުރުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރެއިން ހެޑްކުއާޓަރސްގައި 93 ފޮރިން ސަރވިސް މުވައްޒަފުންނާއި 28 ޕޮލިޓިކަލް މުވައްޒަފުން ތިބޭނެ ކަމަށާއި، މިޝަންތަކުގައި 46 ފޮރިން ސަރވިސް މުވައްޒަފުންނާއި 104 ޕޮލިޓިކަލް މުވައްޒަފުން ތިބޭނެ ކަމަށް ވިދާޅުވިއެވެ.



