ދެހާހަށްވުރެއް ގިނަ ފަތުރުވެރިންނާއެކު އިޓަލީގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައިސްފިއެވެ. މިއީ މިމަހު ރާއްޖެއަށް އައި 2 ވަނަ ކްރޫޒްލައިނާއެވެ.
ސްވިޒަލޭންޑާއި އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް ޙާއްސަކޮށްގެން އޮޕަރޭޓްކުރާ ‘އޭއައިޑީއޭ’ ނަމަކަށް ކިޔާ މި ކްރޫޒުލައިނާ ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ވަނީ ލަންކާގެ ކޮލޮމްބޯ ބަނދަރުން މާލެ އައިސްފައިވާ މިކްރޫޒްލައިނާއިން ދަތުރުކުރި 2650 ފަތުރުވެރިންނަށް ކްލިއަރެންސް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2022 ފަސިންޖަރުންނާއި 628 ކްރޫއިންނެވެ.
އެގޮތުން މިއީ މިއަހަރު ރާއްޖެއަށް އައި 10ވަނަ ކްރޫޒްލައިނާއެވެ.
މިމަހުގެ 4ވަނަ ދަވަހުވެސް ރާއްޖެއަށް ކްރޫޒްލައިނާއެއް ވަނީ އައިސްފައެވެ. ‘އެމްއެސް ނޯޓިކާ’ ނަމަކަށް ކިޔާ އިންޑިއާގެ މި ކްރޫޒްލައިނާއިން ރާއްޖެއަށް 610 ފަތުރުވެރިންނާއި 397 ކްރޫ މެންބަރުން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން، މިދިޔަ މާރިޗު މަހު އޮޝެނިއާ ކްރޫޒަސް ކުންފުނީގެ ‘އެމްއެސް އިންސިގްނިއާ ލަގްޒަރީ’ ކްރޫޒްލައިނާވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. މި ކްރޫޒްލައިނާއިން ހާހެއްހާ ފަތުރުވެރިންނަށް ކްލިއަރެންސް ވަނީ ދީފައެވެ.



