މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމަށް އިތުރު ދެ ކުންފުންޏަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފިއެވެ. މިގޮތުން ހުއްދަ ދޫކޮށްފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއަށެވެ.
އެމްއެމްއޭއިން މި ދެ ކުންފުންޏަށް ހުއްދަ ދީފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެމްއެފްއެލްސީއަށް ހުއްދަ ދީފައިވަނީ ޓިއާ އެކެއްގެ ބޭންކަކަށް ބަދަލުވުމަށް ކަމަށްވާއިރު، ބީއައިސީ ބޭންކް މޯލްޑިވްސްއަށް ހުއްދަ ދީފައިވަނީ ޓިއާ އެކެއްގެ އައު ބޭންކެއް އުފެއްދުމަށެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި ދެ ކުންފުނިން ވެސް ބޭންކިން ޚިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޝަރުތުތައް ފުރިހަމަކުރުމުން، ބޭންކިން ޚިދުމަތް ފެށުމުގެ ހުއްދަ ދެވޭނެ އެވެ.
މިހާރު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ދެމުން އަންނަނީ ހަތް ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ބޭންކް އޮފް ސިލޯން (ބީއޯސީ)، ހަބީބް ބޭންކް، މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އެވެ.



