ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފީފާ ވޯލްޑް ކަޕް އާއި އެއް ފެންވަރަށް ކުޅޭ ކްލަބް ވޯލްޑް ކަޕް އެމެރިކާގައި މި ހަފްތާގައި ފެށޭނެއެވެ.
ތާރީހުގައި އަލަށް ޖުމްލަ 32 ކްލަބަކުން ބައިވެރިވާ މި މުބާރާތަކީ މިއަހަރު އެންމެ ގިނަ ފުޓްބޯޅަ ތަރިން ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރަމުންދިޔަ މުބާރާތް ކަމަށްވީ ނަމަވެސް، ދުނިޔޭގެ މަޝްހޫރު 5 ފުޓުބޯޅަ ކުޅުންތެރިންނެއް ވަނީ މި މުބާރާތުގައި ނުފެންނާނެކަން އިއުލާންކޮށްފައެވެ.
މިއަހަރުގެ މުބާރާތުން ނުފެންނާނެ ފުޓްބޯޅައިގެ ބޮޑެތި ތަރިތަކުގެ ތެރޭގައި މުހައްމަދު ސަލާހް، ލަމިނެ ޔަމާލް، ކްރިސްޓިއާނޯ ރޮނާލްޑޯ، ބުކާޔޯ ސަކާ އަދި ނޭމާ ހިމެނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގްގެ ރެކޯޑް ހޯލްޑަރު މުހައްމަދު ސަލާހް ނުފެންނާނެ ސަބަބަކީ އޭނާގެ ޓީމް ލިވަޕޫލް މި މުބާރާތަށް ކޮލިފައި ނުވުމެވެ. މިއީ ބާސެލޯނާ އަދި ނާޕޯލީ ފަދަ ބޮޑެތި ޓީމްތަކަށްވެސް ދިމާވި ކަމެކެވެ. ސަލާހްއަކީ މި ސީޒަންގައި 29 ލަނޑާއި 18 އެސިސްޓް ހޯދި ކުޅުންތެރިއެކެވެ.
ބާސެލޯނާގެ 17 އަހަރުގެ ޒުވާން ތަރި ލަމިނެ ޔަމާލްއަކީ މި ސީޒަންގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ބާސެލޯނާ މުބާރާތުގައި ނުހިމެނުމާއެކު، އޭނާއަށް ލިއޮނެލް މެސީއާ ކުރިމަތިލުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ މި މުބާރާތުގައި ބައިވެރިވުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، އަލް ނަސްރުގައި ދެމިހުރުމަށް ނިންމާފައިވެއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ ރޮނާލްޑޯ މުބާރާތުގައި ބައިވެރިވުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.
އާސެނަލްގެ ބުކާޔޯ ސަކާ ވެސް މި މުބާރާތުގައި ނުފެންނާނެއެވެ. ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދިޔަ ނަމަވެސް، އާސެނަލްއަށް މި މުބާރާތަށް ކޮލިފައި ނުވެވުނެވެ. އަދި ސައުދީ އަރަބިއާގެ އަލް ހިލާލްގައި އަނިޔާގެ ސަބަބުން އުޅެމުންދާ ނެއިމާ، ސަންޓޯސްއަށް ބަދަލުވުމާއެކު މި މުބާރާތުގައި ނުފެންނާނެއެވެ.



