ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑެބިޓް ކާޑުތަކުގެ މަހު ލިމިޓް 500 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ނިންމައިފިއެވެ. މި ބަދަލު ޢަމަލުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ.
ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ ބިޓް ކާޑުތަކުގެ މަހު ލިމިޓް 500 އެމެރިކާ ޑޮލަރަށް އިތުރުކުރަން ނިންމީ ކަސްޓަމަރުންގެ ބޭރު ފައިސާގެ މުޢާމަލާތްތަކަށް އިތުރު ފަސޭހަތަކެއް ގެނެސްދިނުމުގެ ގޮތުން ކަމަށެވެ.
މީގެއިތުރުން، ޑެބިޓް ކާޑުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި، އަދި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ޑެބިޓް ކާޑު ބޭނުންކުރުމާއި، ތިންވަނަ ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ފައިސާ ނެގުމަށް ކާޑު ދިނުން ހުއްޓުވުމަށް ބީއެމްއެލުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މިގޮތުން، މުދަލާއި ޚިދުމަތަށް ކުރެވޭ މުޢާމަލާތްތަކުގެ ލިމިޓް 500 ޑޮލަރަށް އިތުރުކުރެވުނު ނަމަވެސް، އޭޓީއެމްއިން ބޭރު ފައިސާ ނެގުން ބޭންކުން ވަނީ މަހަކު 125 ޑޮލަރަށް ލިމިޓްކޮށްފައެވެ. އަދި ބޭރުން ފައިސާ ނެގުމުގެ ފީއަކީ 10 ޑޮލަރު ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ބޭންކުން ފާހަގަކުރާ ގޮތުގައި، ރުފިޔާ ޑެބިޓް ކާޑުތަކުން ވަކި އީ-ކޮމާސް ވެބްސައިޓްތަކުން (ޓެމޫ، ޝީން، އަލިބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ވިޔަފާރީގެ ބޭނުމަށް ކުރާ މުޢާމަލާތްތައް އިތުރުވަމުންދާތީ، 2025 ވަނަ އަހަރުގެ ޖުލައި 15 އިން ފެށިގެން މި ވެބްސައިޓްތަކުން ކުރާ ގަތުމުގެ މުޢާމަލާތްތަކަށް 30 ޕަސެންޓާ ހަމައަށް ފީ ނެގޭނެއެވެ.
ނަމަވެސް، މި އިތުރު ފީ ނެގުން ހޮޓާ ބުކިންގ، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޓިކެޓް ނުވަތަ އެހެނިހެން ސަބްސްކްރިޕްޝަންތަކަށް ނުހިނގާނެއެވެ. އަދި ޔޫއެސް ޑޮލަރު އެކައުންޓާ ގުޅިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށްވެސް މި ފީ ނުހިނގާނެއެވެ.
މިއަދު އިޢުލާންކުރެވުނު މި ބަދަލުތަކަކީ ރުފިޔާ ޑެބިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަސާސީ މުދަލާއި ޚިދުމަތްތައް ހޯދުމަށް އެހީތެރިވެދޭނެ ބަދަލުތަކެއްކަން ބޭންކުން ފާހަގަކޮށްފައި ވެއެވެ. އަދި ކުރިއަށް އޮތްތަނުގައި، މަހު ލިމިޓް ރީސެޓްވާނީ ކޮންމެ މަހެއްގެ 1 ވަނަ ދުވަހުއެވެ.



