ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެ އެތެރެކުރުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް މިދިޔަ އޭޕްރީލް މަހު ގެނައި ބަދަލާ ގުޅިގެން، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ނަގަންޖެހޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވައިދަށް ގެނައި ހަވަނަ އިސްލާހުގެ ދަށުން، ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.
މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށެވެ. އަދި ހުއްދައަށް އެދޭ ފޯމު ޓްރާންސްޕޯޓު މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
އިތުރު މައުލޫމާތު ދެމުން މިނިސްޓްރީން ފާހަގަކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ ހުރިހާ އުޅަނދެއް ރަޖިސްޓަރީ ކުރުމަށް ވެސް އެ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.



