ރާއްޖޭގައި ކުރެވޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަކީ ދިވެހި ޒުވާނުންނަށް ވަޒީފާއާއި ވިޔަފާރީގެ ފުރުޞަތުތައް ލިބޭނެ އިންވެސްޓްމަންޓްތަކަކަށް ވާންޖެހޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިފަދައިން މިނިސްޓަރު ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއަށް އަންނަ ތަރައްޤީއާއެކު ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ކުރެވޭ އެފްޑީއައި އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ދައުލަތަށް ޓެކްސް ފައިސާ ހޯދުމުގެ ވަސީލަތަކަށް ވެގެން ނުވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މާފަރު އެއަރޕޯޓް މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެ އެއަރޕޯޓަކީ ނ. އަތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތަކަށް ހުޅުވޭ ދޮރަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މިއަދަކީ ނ. އަތޮޅުގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއްގެ އުންމީދު އާކޮށްދޭ ދުވަހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަށް އަންނަ ތަރައްޤީގައި ރައްޔިތުން ވާންޖެހޭނީ އޭގެ ބައިވެރިންނަށް ކަމަށެވެ. އަދި މިވަގުތު ވެސް ނ. އަތޮޅުގައި އެތައް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ހިނގަމުންދާއިރު، އެ އަތޮޅަށް އަންނަ ތަރައްޤީގެ ފޮނިމީރުކަން އެ އަތޮޅުގެ ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



