މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ދެވޭ ސިވިލް ސޮސައިޓީ އެވޯޑު 2025އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެގޮތުން މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލާފައިވެއެވެ.
މިނިސްޓްރީ އޮފް ޔޫތުން ބުނީ، މި އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުން ނުވަތަ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ފުރިހަމަކުރާ ފޯމު މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މި އެވޯޑަށް ޖުމުލަ 9 ދާއިރާއަކުން ކުރިމަތިލެވޭނެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމާއި، ތަޢުލީމާއި، އިޤްތިޞާދީ ބާރުވެރިކަމާއި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމާއި، ސަގާފަތާއި، ތިމާވެށި ރައްކާތެރިކުރުމާއި، ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުން ހިމެނެއެވެ.
މި އިނާމަކީ މުޖުތަމައު ބާރުވެރިކުރުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ އަގު ވަޒަންކުރުމަށް ދެވޭ އިނާމެކެވެ. އިނާމު ލިބޭ ފަރާތްތަކަށް ހާއްސަ އެވޯޑަކާއި ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.



