ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މިލްކުވެރިކަމަށް ދައުވާ ކުރެވޭނެ ޖާގައެއްވެސް ނެތް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މަތީން ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅުން އާ ޓާމިނަލް އަޅަން ފެށީ އިރުމަތީ ފަރާތުގައި ނަމަވެސް، މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމަށްފަހު ޓާމިނަލް ތަރައްގީ ކުރަމުންދަނީ ހުޅަނގު ފަރާތުގައެވެ.
އަދި އިދިކޮޅުން އަޅަން ފެށި ޓާމިނަލްގެ ފައުންޑޭޝަންތައް ނަގާ އުކާލާފައިވަނީ ކައްޗަށް އެޅި ބިންގަލެއްގެ މަތީގައި ރާއްޖޭގެ އިގްތިސާދު ބިނާކުރަން މިވެރިކަމުން ބޭނުންނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަތީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ މުސްކުޅި ރަންވޭގައި ޖެއްސެނީ އަށް ފްލައިޓް ނަމަވެސް، މިހާރު 21 ފްލައިޓް ޖެއްސޭ ކަމަށާއި، އިދިކޮޅުންގެ ވިސްނުމަކީ ދިވެހިންނަށް އެއާޕޯޓް ނުހިންގޭނެ ކަމަށް ދެކި، ބޭރުގެ ފަރާތްތަކާ ހަވާލުކުރަން މަސައްކަތްކުރި ހަނި ވިސްނުމެއް ކަމުގައި ވިދާޅުވިއެވެ.
އަދި އިގްތިސާދު ފުޅާކުރުމަކީ ޕީއެންސީގެ އަމާޒެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މިހާރު ޖަހާ ހިސާބުތައް ދިމާނުވާ ކަމަށާއި، އިގްތިސާދު ފުޅާކުރުމުގެ ވާހަކަ ދެއްކުމުގެ ޖާގައެއް އިދިކޮޅު ފަރާތްތަކަށް ނެތް ކަމަށް މަތީން ވިދާޅުވިއެވެ.



