ހުޅުމާލެ ދެވަނަ ފިޔަވަހީގެ މިއަދު ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ގިނަ ސަރަހައްދުތަކަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން ހާމަ ކުރިގޮތުގައި މިއަދު މެންދުރު 11:30 ހާއިރު ކަރަންޓު ކެނޑުނީ އެސްޓީއޯ ހިޔާއަށް ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
ސްޓެލްކޯއިން މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ، މި މައްސަލަ ހައްލުކުރުމަށް ކުންފުނީގެ ޓެކްނިކަލް ޓީމުތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިވަގުތު ކަރަންޓު ނުލިބި އޮތީ އެސްޓީއޯ ހިޔާއާއި މަސްޖިދު ހަސަން އާދަމްއަށް އެކަނި ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.



