މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެޖޯރިޓީ ހިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަށަވަރުކޮށްދީފިއެވެ.
އެމްއެމްއޭގެ އާންމު އުސޫލުތަކާ އެއްގޮތަށް މި މުއާމަލާތް ހިންގުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކަށް ބީއެމްއެލްއިން އަމަލުކޮށްފައިވޭތޯ އެ އޮތޯރިޓީން ވަނީ ބަލާފައެވެ. އަދި މި މުއާމަލާތަކީ ބޭންކިންގ ގާނޫނާ ހިލާފަށް ކުރެވިފައިވާ މުއާމަލާތެއް ނޫން ކަމަށް އެމްއެމްއޭއިން ވަނީ ކަނޑައަޅާފައެވެ.
ބީއެމްއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެސްޑީއެފްސީ ގަތުމަށްފަހުވެސް އެ ކުންފުނިން ކުރިން ދެމުންދިޔަ އެސްއެމްއީ ލޯނުތައް ހަމަ އެ އިންޓްރެސްޓް ރޭޓުގައި ދެމުން ގެންދާނެއެވެ. އަދި ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ފައިނޭންސިންގ ދޫކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މީގެއިތުރުން، މުޖުތަމައުގެ ތަރައްގީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ވަނީ ރޭވިފައެވެ.
އެސްޑީއެފްސީގެ ހިންގުމާއި ގަވަރނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ބޭންކުން ހާމަކުރާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.



