ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 40 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހަތް އާރބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދުތަކާއި ސިޓީތަކުގެ އިތުރުން، ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ހިމެނޭ ގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ބީއެމްއެލްގެ އަހަރީ ދުވަސްކަމުގައިވާ ނޮވެންބަރު 11 އިން ފެށިގެން، ބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1,000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. އަދި އެއަރލައިން ޓިކެޓާއި ހޮޓާ ބުކިންގތަކަށް ދެއްކޭ އަދަދު 3,000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ޚާއްޞަ އިނާޔަތެއްގެ ގޮތުގައި، ބޭންކުގައި އެދުމުން ހޮސްޕިޓަލްތަކަށް ޑެބިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.
އަދި ޗައިނާގެ ފައިސާ ކަމުގައިވާ ޔުއާންގެ އެކައުންޓް ހުޅުވުމުގެ ޚިދުމަތް ބީއެމްއެލްއިން މިހާރު ފަށާފައިވާ ކަމަށާއި، 2024 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 180 އަށްވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭ ޔޫނިއަން ޕޭގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތަޢާރަފުކުރެވޭނެ ކަމަށްވެސް ރައީސް އިޢުލާންކުރެއްވިއެވެ.
މި އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން، ބްލެކް މާކެޓުން އަގުބޮޑުކޮށް ޑޮލަރު ގަންނަން ޖެހުމުގެ މައްސަލައަށް ހައްލު ލިބި، ރާއްޖޭގެ އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.