މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑުތަކުން، ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުކުރަން ނިންމައިފިއެވެ. މިހާރު ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ދެއްކޭ އަދަދަކީ 500 ޑޮލަރެވެ.
މ. މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އަހަރީ ދުވަސް ކަމުގައިވާ ނޮވެމްބަރު 11 އިން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުތަކުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް އިތުރުވެގެންދާނެއެވެ.
މީގެ އިތުރުން، ހަމަ އެ ތާރީޚުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ބްލެކް މާކެޓުން ޑޮލަރު ގަންނަން ޖެހުމުން ސަލާމަތްވެ، ހެޔޮ ނަތީޖާ ރައްޔިތުންނަށް ލިބޭނެ” ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޗައިނާ ފައިސާގެ އެކައުންޓްތަކަށް ހާއްސަކޮށް ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބޭނުންކުރާ ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުވެސް ތަޢާރަފްކުރެވޭނެ ކަމަށާއި، އިންޑިއަން ރުޕީސްއިން މިފަދަ ޚިދުމަތްތައް ހަމަޖެއްސުމަށް ބީއެމްއެލްއިން މަސައްކަތްކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.