ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) ނިޔާވެއްޖެ އެވެ. އުމުރުން 36 އަހަރުގެ އިފުރާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރާއްޖޭގެ އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ އިފުރާ އަށް މިދިޔަ ހޯމަ ދުވަހު ހެމޮރެޖިކް ސްޓްރޯކެއް ޖެހި، ސިކުނޑިއަށް ލޭއެޅުމާ ގުޅިގެން ހާލު ސީރިއަސްވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ސިކުނޑިން ލޭ ނެގުމަށް ހޯމަ ދުވަހު ހަވީރު ސަރޖަރީއެއް ހެދި ނަމަވެސް، އެއްކޮށް ލޭތައް ސާފުނުކުރެވުމާ ގުޅިގެން، ސިކުނޑީގެ ދުޅަ ތިރިކުރުމަށް އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބާއްވާފައެވެ.
ވެލެންސިއާ އިން ކެރިއަރު ފެށި އިފުރާ އަކީ، އެ ދުވަސްވަރު ރާއްޖޭގެ އެންމެ އުއްމީދީ ގޯލްކީޕަރެވެ. 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އިފުރާ، 23 އަހަރުން ދަށުގެ ޓީމާއެކު އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް އަދި އޮލިމްޕިކް ކޮލިފައިންގައި ވާދަކޮށްފައިވެ އެވެ.
2007 ވަނަ އަހަރު ސީނިއާ ގައުމީ ޓީމަށް ހޮވުނު އިފުރާ، އޭގެ ފަހުން ގިނަ އަހަރުތަކެއްގައި ގައުމީ ސްކޮޑުގައި މަޤާމު ދަމަހައްޓައި، 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނެވެ.