ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ކަޒަކްސްތާންގެ ޤައުމީ އެއަރލައިން ކަމަށްވާ އެއަރ އަސްތާނާއަށް ޚިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ. މިއީ ވީއައިއޭގެ އައު ޓާމިނަލް ބޭނުންކުރަން ފެށި 15 ވަނަ ބައިނަލްއަޤްވާމީ އެއަރލައިނެވެ.
ޓާމިނަލް 1 އިން އެއަރ އަސްތާނާއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި އެއަރ އަސްތާނާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި ފުރަތަމަ ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާތަކެއް އަރުވާފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވާ ގޮތުގައި، ޓާމިނަލް 1 އަށް އެއަރ އަސްތާނާގެ ޚިދުމަތް ބަދަލުކުރެވުމަކީ، ރާއްޖޭގެ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ކަންކަން އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ. ޚާއްސަކޮށް، މިއީ ރާއްޖެއާއި ސެންޓްރަލް އޭޝިއާގެ ޤައުމުތަކާ ދެމެދު ބާއްވާ ދަތުރުތައް އިތުރަށް ފުޅާވެ، އެ ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.
ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށްފަހު، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް ދަނީ އައު ޓަރމިނަލަށް ބަދަލުކުރަމުންނެވެ. އެގޮތުން، އެންމެ ފަހުން ވީއައިއޭގެ ޓާމިނަލް 1 އިން ޚިދުމަތްދޭން ފަށާފައިވަނީ ބްރިޓިޝް އެއަރވޭސްއަށެވެ.



