ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ބައެއް ވިޔަފާރިވެރިން ރޭ ކުރުމާ އެކު، ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި ނިންމެވުން އިއުލާންކުރެއްވީ ރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. އެގޮތުން ރައީސް ވިދާޅުވީ މިކަން ނިންމެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.
ވައިގެ މަގުން ގެންނަ ތަކެތި ކްލިއާކުރުން ލަސްވެ ވިޔަފާރިއަށް ގެއްލުންވާ ކަމުގެ ޝަކުވާ ރޭގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ކޫރިއާ ސާވިސްދޭ ސީޕެކްސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ހުސައިން އެވެ. އޭނާ ވިދާޅުވީ އެއާޕޯޓްގައި ހިލޭ މުދާ ބެހެއްޓެނީ އެންމެ 80 ގަޑިއިރަށް ކަމަށާއި، އެ ވަގުތުގެ ތެރޭގައި މުދާ ނެރެވޭނެ އިންތިޒާމް ނެތުމުގެ ސަބަބުން ޑެމަރޭޖްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށެވެ.
“އަޅުގަނޑުމެން މިދިޔަ މަހު ދައްކައިފިން، ރައީސް، އެއް މިލިޔަން ރުފިޔާ ޑެމަރޭޖަށް، އެމްއޭސީއެލް އަށް،” ހުސައިން ވިދާޅުވި އެވެ.
އެއާކާގޯ ކްލިއަރެންސްގެ މައްސަލަ ހައްލުކުރުމަށްޓަކައި ކަސްޓަމްސްގެ ހިދުމަތް ދިގުކުރުމުގެ ހުށަހެޅުމެއް ވެސް މި ބައްދަލުވުމުގައި ހުސައިން ވަނީ ހުށަހަޅުއްވާފަ އެވެ. އޭނާ ވިދާޅުވީ މުދާ ބޭރުކުރުން ލަސްވަނީ ކަސްޓަމްސް އިން ސްކޭންކުރަން އެންމެ މެޝިނެއް ހުރުމުން ސްކޭން ކުރަން ހޭދަވާ ވަގުތު ގިނަވީމާ ކަމަށެވެ. މި ހުށަހެޅުމާ ގުޅިގެން ރައީސް ވަނީ ކަސްޓަމްސްގެ ހިދުމަތް މިހާރު އޮންނަ 18 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.



