ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ ބޮޑު މަޝްރޫޢު އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އެ ވުޒާރާއިން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ވިދާޅުވީ ހުޅުމާލެ ފޭސް 3 ގެ ދަށުން ހިއްކުމަށް ކަނޑައަޅާފައިވާ 63 ހެކްޓަރުގެ ތެރެއިން މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ތާވަލުކުރެވިފައިވާ ގޮތުން އަންނަ މަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމައި، ގޯތިތަކުގެ ރަޖިސްޓްރީ ހެދުމާއި އިންވަކިކޮށް ހަވާލުކުރުމުގެ މަސައްކަތްތައް ވެސް އެ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަމާޒަކީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަން ލިބޭނެ ފަދަ ބޯހިޔާވަހިކަމެއް ޤާއިމްކޮށްދިނުން ކަމަށެވެ. އެގޮތުން އާއިލާތަކަށް ހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް ބިނާކުރުމަށްޓަކައި، އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ބަދަލުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ސަރުކާރުން އިސްކަންދޭނެ ކަމަށާއި، ހުރިހާ މަޝްރޫޢެއްވެސް ބައްޓަންކުރާނީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތާރީޚަށް ބަލާއިރު، ހުޅުމާލެ ފޭސް 3 ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އެކި ސަބަބުތަކާހުރެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 އިން ފެށިގެން މަސައްކަތް ވަނީ ބާރުސްޕީޑުގައި އަލުން ފަށާފައެވެ. މަސައްކަތް އަވަސްކުރުމަށްޓަކައި ބޮޑު ދެ ޑްރެޖަރު ބޭނުންކުރަމުންދާއިރު، މީގެ ތެރެއިން ބޮސްކާލީސްގެ ޑްރެޖަރުން މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 28 ގައެވެ.



