ކުރިއަށް އޮތް ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު ހަމަ އަގުގައި ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމްކުރުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ ރަމަޟާން މަހު އަތޮޅުތަކުން މާލެއަށް ގެންނަ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމުގައި ދަނޑުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި، މި މާރުކޭޓަކީ ހާއްސަކޮށް ރޯދަ މަހަށް އަމާޒުކޮށްގެން ތަކެތި ހިފައިގެން މާލެ އަންނަ ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ހުޅުވާލާ ފުރުސަތެކެވެ. މި އިންތިޒާމުގެ ދަށުން ރަށްރަށުގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާލޭގެ ބާޒާރުގައި ސީދާ ވިއްކުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ ވުޒާރާ އިން ފާހަގަކުރެއެވެ.
މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލްތަކުން، އެ ރަށެއްގެ ދަނޑުވެރިންނާ ގުޅިގެން ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހަޅާއިރު، ވޭތުވެދިޔަ އަހަރު އެ ރަށަކުން ބޭރުކުރި ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި، މި އަހަރު މާރުކޭޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ އަދަދު ހިމަނަންޖެހޭނެ ކަމަށް ވުޒާރާ އިން މައުލޫމާތުދެއެވެ.
ޝައުގުވެރިކަން ހުރި ކައުންސިލްތަކުން 29 ޖެނުއަރީ 2026 ގެ ކުރިން ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ރަސްމީ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހެއެވެ.



