ފަހަކަށް އައިސް ސޯޝަލް މީޑިއާ، ހާއްސަކޮށް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އެފަދަ މަކަރާއި ހީލަތުގެ އަމަލުތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މީގެ ތެރެއިން ގިނަ ޕޯސްޓްތަކަކީ އާންމުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެކެވެ.
މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން އާންމުންގެ ހަމްދަރުދީ ހޯދުމަށް ތަފާތު އުކުޅުތައް ބޭނުންކުރެއެވެ. އޭގެ ތެރޭގައި އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުން ހިމެނެއެވެ. އަދި ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ އިހުސާސްތަކާ ކުޅެލައި، ހަމްދަރުދީ ހޯދުމަށް މަސައްކަތް ކުރެއެވެ.
މީގެ އިތުރުން، ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުމާއި، ނަމަވެސް މެސެޖަށް ޖަވާބުދިނުމަކީ މިފަދަ ސްކޭމަރުން އާންމުކޮށް ކުރާ ކަމެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މިފަދަ މަކަރާއި ހީލަތުގެ މަޅިތަކުން ސަލާމަތްވުމަށްޓަކައި ފައިސާ ފޮނުވުމުގެ ކުރިން އެ ނަންބަރަށް ކޯލްކޮށްގެން ސައްހަކަން ޔަގީންކުރުމަށް ފުލުހުން އިރުޝާދު ދެއެވެ. އަދި ޕޯސްޓުގައިވާ ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ބެލުމަށް “ގޫގަލް ރިވާސް އިމޭޖް“ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ރިސާޗް ކުރުމަށް ވެސް ވަނީ އެދިފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ޔަގީންނުވާ ޕޯސްޓްތައް ޝެއަރ ނުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ އެފަދަ ޕޯސްޓްތައް ޝެއަރ ކުރުމަކީ އިތުރު ބަޔަކު މި މަޅީގައި ޖެހުމަށް ދެވޭ ދައުވަތަކަށް ވާތީއެވެ..



