މާލީ މުޢާމަލާތްތަކުގެ ރައްކާތެރިކަމަކީ ރައްޔިތުން އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށާއި، ރާއްޖޭގައި އިތުބާރު ހުރި ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކެއް ޤާއިމުވެފައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ސިޓީގައި އަލަށް ތަޢާރަފުކުރި “ސްވައިޕް” ޑިޖިޓަލް ވޮލެޓް އިފްތިތާޙުކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޒަމާނީ މާލީ ޕްލެޓްފޯމްތަކަށް އާންމުންގެ އިތުބާރު ލިބޭނީ އެ ނިޒާމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެން ކަމަށެވެ.
މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ކޭޝްލެސް ނިޒާމުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ “ޑިޖިޓަލް މޯލްޑިވްސް” ތަޞައްވުރުގެ މުހިންމު ބައެކެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް، ޚާއްޞަކޮށް އައްޑޫ ސިޓީ ފަދަ ސަރަޙައްދުތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް މާލީ ނިޒާމުގެ ތެރޭގައި ހުރިހާ ރައްޔިތުން ޝާމިލުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، މިފަދަ ވަސީލަތްތަކުގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ ފުރުޞަތު އާންމުންނަށާއި ވިޔަފާރިތަކަށް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ މިންގަނޑުތަކާ އެއްގޮތަށް މުޢާމަލާތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމުގެ މުހިންމުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބީއެމްއެލްގެ މި އައު ނިޒާމަކީ ރައްކާތެރިކަމާއި ހަލުވިކަމާއެކު މާލީ މުޢާމަލާތްތައް ހިންގޭނެ އިތުބާރު ހުރި ނިޒާމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.



