ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ހިންގާ މަޝްރޫއު އަލުން ފެށުމަށްޓަކައި، އެ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް، އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވާން ފަށައިފިއެވެ.
މި މަޝްރޫއަކީ 2023 ވަނަ އަހަރު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ނަމަވެސް، މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ސަރުކާރުން ދޫކުރި ނަމަވެސް، އެ ކުންފުނިން މަސައްކަތް ކުރިއަށްނުގެންގޮސް ހުއްޓާލާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މިހާރު މި މަސައްކަތް ވަނީ އެޗްޑީސީގެ ގެ ދަށަށް ބަދަލުކޮށްފައެވެ. އެޗްޑީސީން މި މަސައްކަތް ކުރިއަށްގެންދާނެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރެއިންބޯ ކުންފުންޏެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ މަސައްކަތް އަލުން ފެށުމަށް ބޭނުންވާ ސާމާނު ރަށަށް ޖަމާކުރުމުގެ މަސައްކަތެވެ.
ޖުމްލަ 443.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރާ މި މަޝްރޫއުގެ ދަށުން 11 ފަންގިފިލާގެ 12 ޓަވަރު އިމާރާތްކުރާނެއެވެ. މީގެ ކުރިން މަސައްކަތް ހުއްޓުނުއިރު ނިންމިފައިވަނީ މުޅި މަޝްރޫއުގެ އެންމެ 18 އިންސައްތަ މަސައްކަތެވެ. އޭގެ ތެރޭގައި ބައެއް ޓަވަރުތަކުގެ ބިންގާ އެޅުމާއި ތަނބުތައް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ބިނާކުރާ 400 ހައުސިން ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކެކެވެ..



