އެންމެންނަށް ފުރުޞަތުތައް ހަމަހަމައަށް އޮތް، އޯގާތެރި އަދި ޝާމިލް މުޖުތަމަޢެއް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ފެންނަން ހުރި އިރުޝާދުތަކުން މުޖުތަމަޢުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އޯގާތެރިވުމުގެ މުހިންމުކަން ހާމަވާ ކަމަށެވެ. އަދި މުސްލިމަކަށް ވީތީ ކުރެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ މުހުތާދުތަކުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންނަށް އެހީތެރިވެ އަޅާލުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުން،” ރައީސް ވިދާޅުވިއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި މީހުންނަށް އިޙްސާންތެރިވުމަކީ މުޅި މުޖުތަމަޢުގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުން، އެއްވެސް ފަރާތެއް ބާކީވިޔަ ނުދިނުމަށް ރައީސް ބާރުއެޅުއްވިއެވެ. އަދި ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ސަރުކާރުން މި އަމާޒަށް ވާޞިލްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މާރިޗު 21 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ޑައުން ސިންޑްރޯމް ދުވަހެވެ. މިއަހަރުގެ މި ދުވަހަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ “އެކަނިވެރިކަމާ ދެކޮޅަށް އެކުގައި” މިއެވެ. މި ޝިއާރުގެ ދަށުން މިއަހަރު ބާރުއަޅަނީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތައް މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިކޮށް، އެކަހެރިވިޔަ ނުދިނުމަށެވެ.



