ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޤަތަރު، ބަހްރެއިން، ކުވެއިތު، އޮމާން، އުރުދުން ގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށާއި މުހިންމު ވަޞީލަތްތަކަށް އަމާޒުކޮށް، އީރާނުން ދެމުންދާ ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ކުރިއަށްދިޔަ އ.ދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ 44 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ، ގަލްފު ސަރަހައްދުގައި އަސްކަރީ ނުތަނަވަސްކަން އިތުރުވަމުންދާތީ އެކަމާ މެދު ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަން ހާމަކުރައްވާފައެވެ.
އެ ސަރަޙައްދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ އަދި އިޤްތިޞާދީ ނޭދެވޭ އަސަރުތަކާއި އަދި އީރާނަށް ދެމުންގެންދާ ޣައިރު ޤާނޫނީ ޙަމަލާތަކާމެދު ދިވެހިރާއްޖޭން އިންތިހާއަށް ކަންބޮޑުވެއެވެ. އަދި އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ގޮވާލައެވެ.
ކުއްލި ބަހުސްގެ ތެރެއިން ހުށަހެޅި “ހިއުމަން ރައިޓްސް އިމްޕްލިކޭޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް އިރާންސް އަންޕްރޮވޯކްޑް އެޓޭކްސް އަގައެންސްޓް ބަހްރެއިން، ކުވެއިތު، އޯމާން، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް އެންޑް ޖޯޑަން” ޤަރާރު ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ކޮށްފައެވެ.



