ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރިއަށް ގެންދާ ‘މެޑިކަލް ވެލްފެއާ ސްކީމް’ ގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މިއަދުން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން، މި ބަދަލާއެކު އެންސްޕާއިން ކުރިން ދެމުންދިޔަ 16 ޚިދުމަތެއް ދެން ކުރިއަށް ގެންދާނީ އާސަންދަ ނިޒާމުގެ ތެރެއިންނެވެ.
މި ބަދަލުގެ ދަށުން އާސަންދައަށް ބަދަލުކުރެވުނު މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ކެންސަރު ބައްޔާއި ގޯޝަން ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ބޭސް ފޯރުކޮށްދިނުމާއި، ރާއްޖެއިން ލިބެން ނެތް ނުވަތަ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނުހިމެނޭ ބޭސްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީގެ އިތުރުން ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯ-އަޕް ހެދުމަށް ދެވޭ އެހީތެރިކަން ވެސް މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.
ހެލްތު މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އާސަންދައިން ކަވަރު ނުކުރާ ޓެސްޓްތަކާއި ތަހުލީލުތަކަށް ދޭ އެހީއާއި، ފަރުވާގެ ބޭނުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި މެޝިން (އެސިސްޓިވް ޑިވައިސަސް) ހޯދުމަށް ދެވޭ އެހީވެސް ދެން ލިބޭނީ އާސަންދަ މެދުވެރިކޮށް ކަމަށެވެ. އަދި މެރަނަ ސްކީމުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެމަޖެންސީ ހާލަތްތަކުގައި ކަވަރޭޖް ބޮޑުކޮށްދިނުމާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ހޮސްޕިޓަލް ބަދަލުކުރުން ފަދަ އިދާރީ ކަންކަން ވެސް މި ބަދަލުގެ ތެރޭގައި ހިމެނެއެވެ.
މި ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 1400 ނުވަތަ 1402 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.



