ސަރުކާރުން އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސް، ބޭސްފަރުވާގެ އެހީ ހޯދުމުގައި އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިފިއެވެ. މި ބަދަލާއެކު، ރާއްޖެއިން ފަރުވާ ލިބެން ހުރި ނަމަވެސް، ބަލިމީހާގެ އިޖުތިމާއީ އަދި ސިއްހީ ހާލަތަށް ބަލައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިޚުތިޔާރު މިހާރު ވަނީ އާސަންދައަށް ލިބިފައެވެ.
މި ނިންމުމަކީ ބަލިމީހުންނަށް ފަރުވާ ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ނިންމި ނިންމުމެކެވެ. މީގެ ކުރިން ރާއްޖެއިން ފަރުވާ ލިބެން ހުންނަ ހާލަތްތަކުގައި ބޭރަށް ފޮނުވުމުގައި ހުރި ހުރަސްތައް ނައްތާލައި، ބަލިމީހާގެ އާންމު ހާލަތާއި ފަރުވާ ހޯދުމަށް ހުރި ދަތިތަކަށް ރިއާޔަތްކޮށް އާސަންދައިގެ ދަށުން ބޭރަށް ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.
އިދާރީ ގޮތުން ގެނެވުނު އަނެއް މުހިންމު ބަދަލަކީ، ކުރިން ބޭނުންކުރަމުން އައި “ވިރަ” ފޯމު އުވާލައި، އެންސްޕާ އަދި އާސަންދައިގެ އެހީއަށް އެދުމުގެ ކަންކަން “މައި އާސަންދަ” ޕޯޓަލްގެ ތެރެއިން އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމެވެ. މި ބަދަލުގެ ސަބަބުން އިދާރީ މަސައްކަތްތައް ކުރިއަށްވުރެ ހަލުވިވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، އެންސްޕާއިން ފޯރުކޮށްދެމުންދިޔަ މެޑިކަލް ވެލްފެއާ ސްކީމްގެ ސޯޅަ ޚިދުމަތެއް މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކުރެވިފައެވެ. މިއީ އާސަންދަ ސްކީމް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އައު ބަދަލުތަކާއެކު، ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާވެ، ބަލިމީހުންނަށް ބޭނުންވާ ޚިދުމަތްތައް އަވަސްކަމާއެކު ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.



