މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައިވާއިރު، ހައްޖުވެރިންގެ މެދުގައި ރޯގާ އިތުރުވަމުންދާތީ ބަލީގެ އަލާމާތްތަކަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު، ސަނާ ސަލީމް ވިދާޅުވީ، ހައްޖުވެރިން އެނބުރި ރާއްޖެ އަންނަ އިރު ބަލީގެ އަލާމާތެއް ވަގުތުން ފެންނަން ނެތް ނަމަވެސް، 14 ދުވަހުގެ މުއްދަތަކަށް ސިއްހީ ހާލަތު މޮނިޓާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ސަނާ ވިދާޅުވި ގޮތުގައި މިއަހަރު ފެށުނީންސުރެ ޑެންގީ ހުމާއި އެހެނިހެން ތަފާތު ރޯގާތައް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވެއެވެ. ހައްޖުވެރިންނަކީ ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނުގައި އުޅެފައި އަންނަ ބަޔަކަށް ވާތީ، ރޯގާގެ އެއްވެސް އަލާމާތެއް ފެނޭތޯ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. “އަލާމާތެއް ނެތި މިހެން އައިސް ހުންނަ އިރުވެސް އެހާ ގިނަ ބައެއްގެ ތެރޭގައި އުޅެފަ އައީމަ ކޮންމެވެސް ވަރަކަށް ރަނގަޅު މޮނިޓާ ކޮށްލުން،” ސަނާ ވިދާޅުވިއެވެ.
ހައްޖުވެރިންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ގިނަކަން ފާހަގަކުރައްވައި، އެޗްޕީއޭއިން ބުނީ ބަލި ޖެހުމުން ހާލު ގޯސްވުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ބޮޑު ކަމަށެވެ. އެހެންކަމުން، އެއާޕޯޓުން ފެށިގެން ގެޔަށް ދިއުމާ ހަމައަށްވެސް އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. ވަކިން ހާއްސަކޮށް މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން ފަދަ ބަލީގެ ނުރައްކާ ބޮޑު ފަރާތްތަކާ ހައްޖުވެރިން ގާތްނުވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕު ރޭގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާއިރު، ބާކީ ތިބި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށް އޮތް އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެޗްޕީއޭއިން ދަނީ ހައްޖާޖީންގެ މެޑިކަލް ޓީމާ ގުޅިގެން ހައްޖުވެރިންގެ މެދުގައި ބަލި އޮތް މިންވަރު މޮނިޓާ ކުރަމުންނެވެ.



