ކޮންމެ އަހަރެއްގެ ޖޫން މަހުގެ ހަތް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް މިއަހަރު ރާއްޖޭގައި ރަސްމީކޮށް ފާހަގަކޮށްފައިވަނީ ފ. ނިލަންދޫގައެވެ. “From burden to solution – safe food everywhere” މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު އާންމުން ހޭލުންތެރިކުރުވުމާއި، ރައްކާތެރިނޫން ކާބޯތަކެތީގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ބާރުއެޅުމެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ނިލަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި އެމްއެފްޑީއޭގެ އާ ލޯގޯ އިފްތިތާހުކުރުމުގެ އިތުރުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިންގާ ފަރާތްތައް އަހުލުވެރިކުރުވުމަށް ތައްޔާރުކޮށްފައިވާ “ސަމާވަރު” ޕްރޮގްރާމް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ރަސްމިއްޔާތުގައި ދާއިރާގެ މަޖިލިސް މެންބަރާއި ރަށުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ނިލަންދޫގެ ގޭގެއަށް ޒިޔާރަތްކޮށް، ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަން ބަހައްޓާނެ ގޮތުގެ މައުލޫމާތު ދިނުމަށް “ދޮރުން ދޮރަށް” ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި އެސެމްބްލީއެއްގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެމްއެފްޑީއޭއިން ފާހަގަކުރި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އުފައްދާ ފަރާތުން ފެށިގެން ބޭނުންކުރާ ފަރާތާ ހަމައަށް އެންމެންގެ ޒިންމާއެކެވެ.



