ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމު އިސްކުރުމުގައި ނަމޫނާ ދައްކަވަމުންގެންދަވާ ސިޔާސީ ލީޑަރެއް ކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެ ޕާޓީއަކީ އަބަދުވެސް ޤައުމީ މަސްލަހަތު ކުރިއަށް ނެރޭ ޕާޓީއެއް ކަމަށާއި، ކާމިޔާބީއާއި ނާކާމިޔާބީގައިވެސް މެންބަރުން ތިބީ ޤައުމު އިސްކޮށްގެން ކަމަށެވެ.
ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ދަތި ޙާލަތަށް އަލިއަޅުއްވާލައްވަމުން ނާޒިމް ވިދާޅުވީ، އޭރު ވުޒާރާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ދަރަނީގެ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުގެ ވައްކަމާއި، މަސްވެރިންނަށް ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލްތަކާއި، ދައުލަތުގެ މާލީ ނިޒާމު ބޮއްސުންލާފައި އޮތް އޮތުން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ހިކުމަތްތެރިކަމާއެކު އެ ޙާލަތުން އަރައިގަނެވި، ޤައުމުގެ މިސްރާބު ބަދަލުކުރައްވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ޕީއެންސީގެ މެންބަރުންނަކީ އަޅުވެތިކަމާއި، ޤައުމު ދަރަނިވެރިވުމާއި އަދި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅަށް ޖިހާދުކުރި ބައެއް ކަމަށެވެ. އަދި އަސާސީ ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ކުރިއަށް ގެންދަނީ ވަކި ތަރުތީބަކުން، ހަމަޖެހިފައިވާ ޓައިމްލައިނެއްގެ ދަށުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފްވެރިކޮށްދެއްވި މި ޖަލްސާގައި، ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ. ނާޒިމްގެ ވާހަކަފުޅު ނިންމަވާލެއްވީ ޕީއެންސީއަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ޓީމެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.



