ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތެއްގެ ތެރެއިން ކަނޑުމަތީގައި މަސައްކަތްކުރަމުންދިޔަ ފުލުހަކު ކުއްލި ގޮތަކަށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ.
ފުލުހުން ބުނީ ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި “ޕޮލިސް ލޯންޗް 57” ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ.
މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ފެނިފައިވާ ކަމަށާއި އަދި އޭނާގެ ހަށިގަނޑު މިހާރު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ އޭނާ އެތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.



