ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ. މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި މީދޫގައި ދެ ފޮށި އަދި މާލޭގެ ދަރުމަވަންތަ ސްކޫލުގައި އެއް ފޮށި ބަހައްޓާފައިވާއިރު، ޖުމްލަ 1،049 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ. މިދިޔަ އޭޕްރިލް މަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރިއިރު، އެއް ވޯޓުގެ ތަފާތުން ސުހާ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ދެއްކި ނަމަވެސް، ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން އީސީން ފަހުން ނިންމީ ޝާހިދު ކުރީގައި އުޅުއްވާ ކަމަށެވެ.
ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ސުހާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ކޯޓުން ވަނީ ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅި ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ނިންމާފައެވެ. އެ އިސްލާހާއެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު 392 އަށް އަރައި އެއްވަރުވުމުން، ހައިކޯޓުން ހުކުމް ކުރީ އަލުން އިންތިޚާބު ބޭއްވުމަށެވެ.



