ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީން ބޯހިޔާވަހިކަމަށް ކުރިމަތިލާއިރު، އެންސްޕާ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހަމަޖައްސައިފިއެވެ. އެ ވުޒާރާއިން ވިދާޅުވީ، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން މިހާރު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. މި މަޝްރޫއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މާދަމާ ރޭ 11:59 އަށް ހަމަވާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތަށް ވެސް ސަރުކާރުން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި ފަސް އަހަރު ވެފައިވާ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހެޅޭނެއެވެ. މީގެ ކުރިން އޮތް އުސޫލަށް ބަދަލު ގެނެސް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ފުރުސަތު ފަހިކޮށްދިނީ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައެވެ.
މީގެ އިތުރުން، ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން މާލެ ސަރަހައްދަށް ބަދަލުވާން ޖެހިފައިވާ ފަރާތްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ވޭތުވެދިޔަ އެއް އަހަރު ދުވަހު މާލެ ސަރަހައްދުން ފަރުވާ ހޯދާފައިވާ ފަރާތްތަކަށް ވެސް މި ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



