ރާއްޖޭގެ އެވިއޭޝަން ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމަކާއެކު، މޫސުމީ މަޢުލޫމާތު އެއްކުރާ ރާއްޖޭގެ 6 ވަނަ މެނުއަލް ސްޓޭޝަން ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކޮށްފިއެވެ. މާފަރަކީ އަހަރުގެ އެކި ދުވަސްވަރު ރާއްޖެއަށް އެންމެ ގިނަ ޖެޓު ޖައްސާ އެއަރޕޯޓަށް ވުމާއެކު، އެންމެ ފަހުގެ އަދި އެންމެ ސައްޙަ މޫސުމީ މަޢުލޫމާތު އެ ސަރަޙައްދުން ލިބުމަކީ ފްލައިޓްތަކުގެ ރައްކާތެރިކަމަށް މުހިއްމު ކަމެކެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މާފަރުގައި މިހާރު ހުރި އޮޓޮމެޓިކް ވެދަރ ސްޓޭޝަނުގެ އިތުރުން މި ޤާއިމުކުރި މެނުއަލް ސްޓޭޝަނާއެކު ރާއްޖޭގައި މޫސުން ކުރިއަށް ލަފާކުރުމަށް ބޭނުންކުރާ މެނުއަލް ސްޓޭޝަންތަކުގެ އަދަދު ވަނީ ހަޔަކަށް އިތުރުވެފައެވެ. މީގެކުރިން މިފަދަ ސްޓޭޝަންތައް ޤާއިމުކޮށްފައިވަނީ ހަނިމާދޫ، ހުޅުލެ، ކައްދޫ، ކާޑެއްދޫ އަދި ގަން އެއަރޕޯޓުގައެވެ.
މީގެކުރިން މާފަރު އެއަރޕޯޓަށް ބޭނުންވާ މެނުއަލް މޫސުމީ މަޢުލޫމާތު ހޯދަމުންދިޔައީ އެންމެ ގާތުގައި އޮންނަ ހަނިމާދޫ އެއަރޕޯޓުގެ ސްޓޭޝަން މެދުވެރިކޮށެވެ. ނަމަވެސް އައު ސްޓޭޝަނާއެކު، އެވިއޭޝަން ސިނާޢަތަށް ބޭނުންވާ ގަޑިއަކު އެއްފަހަރުގެ އަޕްޑޭޓްތަކާއި، މޫސުން ގޯސްވާ ޙާލަތްތަކުގައި ވަގުތުން ވަގުތަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް މިހާރަށްވުރެ ސައްޙަކޮށް މާފަރު އެއަރޕޯޓުން ފޯރުކޮށްދެވޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.



