ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކާއި ގައިންގަޔަށް އަރާ ރޯގާތައް އިތުރުވަމުންދާތީ، ސާފުތާހިރުކަމަށް ސަމާލުކަންދީ މަދިރި އާލާވާ ތަންތަން ނައްތާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މެއި މަހު އެކަނިވެސް ޑެންގީ ހުމުގެ 778 ކޭސް ރިޕޯޓުކޮށްފައިވާއިރު، އަރިދަފުސް ރޯގާގެ 40,457 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
މި ދުވަސްވަރު ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި އިންފްލުއެންޒާގެ ނުރައްކާވެސް ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 1,000 އަށްވުރެ ގިނަ މީހުން ޓެސްޓުކުރެވުނުއިރު، އޭގެ ތެރެއިން 680 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ބޭރަށްހިނގުމުގެ ބަލިވެސް އިތުރުވަމުންދާތީ، އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ބާރުއަޅުއްވައެވެ.
ބަލިޖެހުމުން ދިމާވާ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމުކުރުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ. ވަކިން ޚާއްސަކޮށް ބޭރަށްހިނގާނަމަ ލޮނުޕެކެޓް ބޭނުންކުރުމަށާއި، ހުން އައިސް ރޯގާގެ އަލާމާތްތައް ތިން ދުވަހަށްވުރެ އިތުރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މަދިރި މަދުކުރުމަށް ފަރުދީ ފެންވަރުގައާއި ރަށު ފެންވަރުގައި ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ބަލި ކޮންޓްރޯލްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށްވެސް އެޗްޕީއޭއިން ފާހަގަކުރެއެވެ.



