މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް ފައިސާ ދޫކުރުމުގެ މަސައްކަތުގެ ދަށުން، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމުލަ 5,354,298 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގަވާއިދުން ފައިސާ ދެއްކުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދޫކުރެވުނު ފައިސާއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 14 ވަނަ ދުވަހު މަސްކިރުވި 29 ދޯންޏަކަށް އެކަނިވެސް 841,400 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ކަޅުބިލަމަސް ކިރުވި 26 ދޯންޏަކަށް ދޫކުރި 817,800 ރުފިޔާ އާއި، ތަފާތު ސައިޒުތަކުގެ ކަންނެލި ކިރުވި ދޯނިފަހަރަށް ދޫކުރި ފައިސާ ހިމެނެއެވެ. މި މަހުގެ ކޮންމެ ދުވަހަކުވެސް މިފްކޯއިން އަންނަނީ މަސްވެރިންނަށް ފައިސާ ޖަމާކޮށްދެމުންނެވެ.
މި މަހުގެ މިހާތަނަށް 5.4 މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ދޫކޮށްފައިވާއިރު، ނިމިދިޔަ މޭ މަހު އެ ކުންފުނިން ވަނީ ޖުމްލަ 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ބަހާފައެވެ. މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.



