ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ “ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026” ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރޭ ފުރާވަޑައިގެންފިއެވެ.
މި ފޯރަމްގައި ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު އެކުލަވާލާ އިސް ފަރާތްތަކުގެ އިތުރުން މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ މުޖުތަމައުތަކުގެ މަންދޫބުން ބައިވެރިވާނެއެވެ. ފޯރަމްގެ މައިގަނޑު މަގްސަދަކީ ވަޒަންދޫކޮށް ދާންޖެހޭ މީހުންގެ މައްސަލަތަކަށް ހައްލު ހޯދުމާއި، އެކަންކަމަށް ހޭނުމަށް ބޭނުންވާ އިސްތިރާޖީތައް އެކުލަވާލައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމެވެ.
މިއަހަރުގެ ފޯރަމްގެ ތެރެއިން “ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް” ނުވަތަ މޫސުމީ ހިޖުރަކުރުމާބެހޭ ބައިނަލްއަގުވާމީ އުސޫލުތައް ރަސްމީކޮށް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އުސޫލުތަކުގެ ދަށުން މީހުންގެ އަމިއްލަ މުޖުތަމައުތަކުގައި ދެމިތިބުމުގެ ހައްގު ހިމާޔަތްކުރުމަށާއި، ހިޖުރަކުރަންޖެހޭ ހާލަތްތަކުގައި އިންސާނީ ކަރާމާތް ހިފެހެއްޓުމަށް ބާރުއަޅާނެއެވެ. އަދި މި އެއްބަސްވުންތައް އަމަލީ ގޮތުން ތަންފީޒުކުރާނެ މަގުޗާޓެއްވެސް މި ފޯރަމްގެ ތެރެއިން އެކުލަވާލެވޭނެއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް މޫސުމީ ހިޖުރަކުރުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
2026 ޖޫން 15 އިން 21 އަށް ކުރިއަށްދާ މި ފޯރަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި، މޫސުމީ ހިޖުރަކުރުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ.



