ހުޅުމާލެ ފޭސް އެކެއްގައި ހިންގަމުންދާ ގަރާޖުތަކަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 20 ބިދޭސީއެއްގެ މައުލޫމާތު ބަލާ ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެ އިތުރުން، އިއްޔެގެ ވަގުތެއްގައި މާލޭގެ ތިން ސަރަހައްދެއް ކަމަށްވާ ރަސްފަންނު، އާޓިފިޝަލް ބީޗް އަދި ހީނާމާގެ ޕާކިން ސަރަހައްދުގައި ވެސް ވަނީ ބިދޭސީން ބަލާ ފާސްކުރުމުގެ ހަރަކާތްތަކެއް ހިންގާފައެވެ. މި ސަރަހައްދުތަކުން ޖުމްލަ 26 މީހަކު ބަލާ ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން އިމިގްރޭޝަނުން ދަނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދުން މޮނިޓާކޮށް، މިފަދަ ރެއިޑް އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މުޖުތަމައަށް ދިމާވާ އެކި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަކީ ވެސް މި މަސައްކަތުގެ ބައެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.



