2027 އިން 2029 އަށް އެކުލަވާލާ މެދު ރާސްތާގެ ދައުލަތުގެ ބަޖެޓަށް އައު މަޝްރޫއުތަކާއި ހަރަކާތްތައް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހުޅުވާލައިފިއެވެ.
18 ޖޫން 2026 ވަނަ ދުވަހު މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން، ނިއު ޕޮލިސީ އިނިޝިއޭޓިވްސް ނުވަތަ އައު ސިޔާސަތުތަކުގެ ދަށުން ހިންގާ އައު ހަރަކާތްތަކާއި އައު މަޝްރޫއުތައް 2027 އިން 2029 އަށް އެކުލަވާލާ މެދުރާސްތާގެ ބަޖެޓުގައި ހިމަނުމަށް ސަރުކާރުގެ އޮފީސްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 18 އޯގަސްޓް 2026 ގެ މެންދުރު 2:00 އެވެ.
2027-2029 ގެ ބަޖެޓު ތައްޔާރުކުރާނީ ސަރުކާރުގެ މެނިފެސްޓޯ އާއި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކާ އެއްގޮތަށް، ޕްރޮގްރާމް ބޭސްޑް ބަޖެޓެއްގެ ގޮތުގައެވެ. މިގޮތުން ހުށަހަޅާ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ނުވަތަ ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ކަންކަމަށް ވާންޖެހެއެވެ.
ދައުލަތުގެ އޮފީސްތަކަށް މި ބަޖެޓުގައި ހިމެނުމަށް ހުށަހެޅިދާނެ ކަންކަމުގެ ތެރޭގައި އަލަށް ފަށަން ގަސްތުކުރާ ހަރަކާތްތަކާއި މަޝްރޫއުތައް، މިހާރު ހިންގަމުންދާ ހަރަކާތެއް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ބަޖެޓު، އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް، މި އަހަރު ފެށޭނެ ކަމަށް ނުބެލެވޭތީ 2027 ގައި ފަށަން ނިންމާފައިވާ ކަންކަން ހިމެނެއެވެ.
އައު ހަރަކާތްތަކުގެ ތެރޭގައި އާންމު ޚިދުމަތްތައް ގާއިމުކުރުން، މުވައްޒަފުން އިތުރުކުރުން، ތަމްރީނު ޕްރޮގްރާމްތައް، ދިރާސާތައް ކުރުން އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. މީގެ އިތުރުން، ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ގޮތުގައި އިމާރާތްކުރުމާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުށަހެޅިދާނެއެވެ.
މި މަޝްރޫއުތަކަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ލޯނާއި، ހިލޭ އެހީ، ޓްރަސްޓް ފަންޑް ނުވަތަ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ވެސް ވެދާނެއެވެ. ނަމަވެސް ބަޖެޓުން ބޭރުން ފައިނޭންސް ހޯދާ މަޝްރޫއުތަކަށް އެ ފައިސާ ހަމަޖެހިފައިވާކަމުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. އަދި ކޮންމެ މަޝްރޫއަކާއެކު ނީޑް އެސެސްމަންޓް ރިޕޯޓާއި، މަސައްކަތުގެ ތަފްސީލާއި، އަގު ހިނގާނެ ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.
ޖެންޑާ އަދި ކްލައިމެޓް ބަޖެޓިންގ 2027-2029 ގެ ބަޖެޓު އެކުލަވާލުމުގައި މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން ހިމެނޭހެން ބަޖެޓު ތައްޔާރުކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން ޕައިލެޓްކުރުމަށް ކަނޑައަޅާފައިވާ އޮފީސްތަކުގެ ބަޖެޓުން މިންތީގެ ހަމަހަމަކަން ގާއިމުކުރެވޭ މިންވަރު ދެނެގަނެވޭނެއެވެ. މީގެ އިތުރުން، ކޮންމެ މަޝްރޫއަކީ ތިމާވެއްޓާ ގުޅުންހުރި ކިހާވަރެއްގެ މަޝްރޫއެއްކަން ބަޔާންކުރަންޖެހެއެވެ. މިއާއެކު
ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް ޚަރަދުކުރެވޭ މިންވަރު ދެނެގަނެ، އާންމުންނަށާއި ބައިނަލް އަގުވާމީ އިދާރާތަކަށް ހިއްސާކުރުމަށް ފަސޭހަވެގެންދާނެކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކުރިއަށް އޮތް ތިން އަހަރުގެ މުއްދަތަށް އައު ސިޔާސަތުތަކަށް ކަނޑައަޅާފައިވާ ޖުމްލަ ޚަރަދުގެ ސީލިންގަކީ 2.5 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 500 މިލިއަން ރުފިޔާ ރިކަރަންޓް އެކްސިޕެންޑިޗަރ އަށް ޚާއްސަކޮށްފައިވާއިރު، 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. މިނިސްޓްރީން ބުނި ގޮތުގައި މިފަދަ ސީލިންގެއް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ، ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ގޮތުގައި ބަޖެޓުގައި ހިމަނާ މަޝްރޫއުތަކާއި ހަރަކާތްތަކަކީ އޮފީސްތަކުގެ ލެވެލްގައިވެސް ޕްރައޮރަޓައިޒް ކުރުމަށްފަހު ހުށަހެޅޭ ޕްރޮޕޯސަލްތަކެއް ކަމުގައި ހެދުމެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް ބަޖެޓު އަހަރު ފެށުމުގެ ދެ މަސް ކުރިން މާލީ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މި ސާކިއުލާގެ ދަށުން ކައުންސިލްތަކާއި ޖުޑީޝަރީގެ އިދާރާތައް އިސްތިސްނާވެއެވެ.



