އިންޑޮނޭޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރް އެކްސެލެންސީ ދޭވީ ގުސްތީނާ ތޯބިންއާ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން އިރުތިޝާމް ވިދާޅުވީ، ސަފީރު ދޭވީ ގުސްތީނާއާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، ދެ ގައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. އިރުތިޝާމް ވަނީ ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށްޓަކައި ސަފީރާ އެކު ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ.



