ފާއިތުވި ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި ނުވަތަ މީސަލްސްގެ ދެ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 22 އަށް އަރާފައެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ބަލި ފެތުރުން ހުއްޓުވުމަށާއި ބަލި ދެނެގަތުމަށްޓަކައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ސަވައިލެންސް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. އަދި ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަތުމަށްޓަކައި، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް ވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ޑޮކްޓަރަށް ދައްކަން ދާއިރު މާސްކް އެޅުމަށާއި، އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން، ބައްޔަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ބަލީގެ އަލާމާތްތައް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ.



