ބައިނަލްއަޤުވާމީ އޮލިމްޕިކް ދުވަހުގެ މުނާސަބަތުގައި، ޒުވާނުންނަށް ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދޭ ސަމާލުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަށަވަރުކޮށްދެއްވައިފިއެވެ. މީގެ ބޭނުމަކީ ޒުވާނުންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ކަންކަމުގައި ދެމިތިބުމުގެ ރޫޙު އާލާކޮށް، އެކުދިންގެ ފުރިހަމަ ހުނަރުވެރިކަން ދެއްކުމަށް މަގުފަހިކޮށްދިނުމެވެ.
މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގެ ކުޅުންތެރިންނާއި، ކޯޗުންނާއި، އަދި ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ހުވަފެންދެކޭ ޒުވާނުންނަށް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކުޅިވަރުގެ މައިދާނުގައި ކާމިޔާބީ ހޯދަނީ ވަރުގަދަ އަޒުމަކާއި، ނަމޫނާ އަޚްލާޤެއްގެ އިތުރުން ހިތްވަރާއެކު މަސައްކަތްކުރާ ފަރާތްތަކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ކޮންމެ ބޮޑު ކާމިޔާބީއަކީވެސް އެޅޭ ކުޑަ ފިޔަވަޅަކުން ފެށޭ ކަމެއްކަން މި ދުވަހުން ހަނދާންކޮށްދޭ ކަމަށެވެ. އަދި ކުޅިވަރުގެ ސަބަބުން ޒުވާނުން ބާރުވެރިވެ، ޤައުމު ވަރުގަދަވެ، އެކަކު އަނެކަކާ އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމުގައިވެސް ވިދާޅުވިއެވެ.



