ޖަޕާން ސަރުކާރުގެ އެހީގައި ދިވެހިރާއްޖެއަށް ހަދިޔާކުރި ފޭޝަލް ރިކޮގްނިޝަން ސިސްޓަމް ރަސްމީކޮށް މޯލްޑިވްސް އިމިގްރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ. މި ނިޒާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ އެމް.އޭ.ސީ.އެލް ކޯޕަރޭޓް ހޯލްގައެވެ.
މި ސިސްޓަމް ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ސިސްޓަމާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް އަލީ އިޙްސާނެވެ.
މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަސީހުގެ އިތުރުން އިމިގްރޭޝަންގެ އިސް ބޭފުޅުންނާއި ޖަޕާން ސަރުކާރުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި ޖަޕާން ސަރުކާރުން ހަދިޔާކުރި މި ސިސްޓަމަކީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، މީހުން ދެނެގަތުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ލިބުނު ބޮޑު އެހީއެކެވެ. މީގެ އިތުރުން މިއީ ދަތުރުވެރިންގެ ކަންކަން ނިންމުމުގައި އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ދިނުމަށް މަގުފަހިވެގެންދާނެ ކަމެއްކަންވެސް އެ މުއައްސަސާއިން ފާހަގަކުރެއެވެ.
ޖަޕާން ސަރުކާރުން ވެދެއްވި މި އަގުހުރި އެހީތެރިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެ ގައުމުގެ ސަރުކާރަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.



