މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް، މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސާވޭތަކާއި ދިރާސާތައް މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.
އިއްޔެ މިނިސްޓަރު މުއްތަލިބާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވަނީ މަގުތަކުގެ ދިރާސާ ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ޑިޒައިން ކުރުމާއި، މައި މަގުތަކުގެ އަމަލީ މަސައްކަތް ފެށުމެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ތެރެއިން އެންމެ އިސްކަމެއް ދެނީ މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ. އެގޮތުން މަޖީދީމަގާއި، ޝަހީދު އަލީ ހިނގުމާއި، ކަނބާއައިސާ ރަނި ހިނގުމުގެ އިތުރުން ވިލިމާލޭގައި ހޮސްޕިޓަލް އަޅާ ސަރަހައްދުގެ މަގުތަކުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށާއި، މިހާރު ކުރިއަށްދަނީ ތަފުސީލީ ޑިޒައިންތައް ނިންމުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހުނު 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ.



