ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕީއެންސީގެ ލީޑާޝިޕާއި އެ ޕާޓީގެ އާއްމު މެންބަރުންނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަރުގަދަކުރެވި، ކުރިން އޮތް ޝަކުވާތަކަށް ބޮޑު ޙައްލެއް ހޯދައިދެއްވާފައިވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަޙީމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބާ ގުޅޭ ގޮތުން އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޒަމާނުއްސުރެ ރައްޔިތުންގެ ފަރާތުން ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ ޕާޓީގެ އާއްމު މެންބަރުންނާއި ޕާޓީގެ ލީޑަރުންނާ ދެމެދު އޮންނަ ގުޅުން ހީނަރުވުމުގެ މައްސަލައެވެ.
މި މައްސަލައަށް ލިބުނު އެންމެ ބޮޑު ޙައްލެއްގެ ގޮތުގައި އަބްދުއްރަޙީމް ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކެވެ. އެގޮތުން ރަސްމީ މަސައްކަތްޕުޅުތައް ނިންމަވައިލެއްވުމަށްފަހު، ކޮންމެ ރަށެއްގައިވެސް ޕީއެންސީގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް ވަގުތު ހޭދަކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.
“މިއީ ކުރީގައި ޕާޓީތަކުގެ ވެރިން އަމަލުކުރައްވާފައިވާ ގޮތެއް ނޫން،” އަބްދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މުޢިއްޒު ގެންގުޅުއްވާ މި އުސޫލުގެ ސަބަބުން ޕާޓީގެ އެތެރޭގެ ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޕާޓީތައް ހިނގާ އުސޫލުން، ޕާޓީގެ މެންބަރުންނާއި ލީޑަރުންނާ ދެމެދު ހަރުދަނާ ނިޒާމެއްގެ ތެރެއިން ގުޅުން ގާއިމުކުރެވިފައިވާ ކަމަށް ޗެއާޕާސަން ވިދާޅުވިއެވެ. އަދި ޕާޓީއެއްގެ އެތެރޭގައި ހުންނަންޖެހޭ އެންމެހައި އިންތިޒާމުތަކާއި ވަސީލަތްތައް ފުރިހަމަކުރެވިގެން ރާއްޖޭގައި މިހާރު ހިންގަމުންދާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބަދަލުތަކާއެކު ޕީއެންސީއަކީ ރައްޔިތުންގެ އަޑު އަހާ، މެންބަރުންނާ ގާތުން މަސައްކަތްކުރާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ލީޑާޝިޕުން ވަނީ ދީފައެވެ.



