ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ތަނަވަސްކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ އެހީގައި ފަރުވާ ހޯދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މި ކުދިން ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި، މޯލްޑިވްސް ޒަކާތު ހައުސް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ފަރުވާއަށް ޝަރުތު ހަމަވާ ކުދިންގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2.5 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ އެންސްޕާއަށް ޖަމާކޮށްފައެވެ. މި އެހީއަކީ 21 ފެބްރުއަރީ 2024 ގައި އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުން ދެވޭ އެހީއެކެވެ. މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން ވެސް ޒަކާތު ފަންޑުން އަންނަނީ މިފަދަ ބޮޑެތި ފަރުވާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ ތެލެސީމިއާ ކުދިން ލޭ އެޅުން ހުއްޓުވައިދޭ، މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ފަރުވާގެ ސަބަބުން ކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ސަލާމަތްވެވޭނެ ކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ވަނީ މި މަޝްރޫޢުގެ މުހިންމުކަމާއި ޒަކާތު ފަންޑުން ލިބޭ އެހީތެރިކަމުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި އަހަރު ބޯންމެރޯ ހެދުމަށް ޖުމުލަ 10 ކުއްޖަކަށް ހުއްދަ ލިބިފައިވާއިރު، ފުރަތަމަ ބުރުގައި ފުރާ މި ހަ ކުދިންގެ އިތުރުން، ބާކީ ތިބި ހަތަރު ކުދިން ފުރުވުމުގެ އިދާރީ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ. ސަރުކާރުގެ އަމާޒަކީ ދާއިމީ ފަރުވާ ބޭނުންވާ ހުރިހާ ކުދިންނަށް ވެސް ވީހާވެސް އަވަހަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ.



