މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެ އާއި ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި ޖުމްލަ 1,355 އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ. މި ހާދިސާތަކުގެ ތެރޭގައި މީހުންގެ ފުރާނައަށް ނުރައްކާވެ، މުދަލަށް ބޮޑެތި ގެއްލުންތައް ލިބުނު ހާދިސާތައް ހިމެނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 253 އެކްސިޑެންޓް ހިނގާފައިވާއިރު، ފެބްރުއަރީ މަހު 191، މާރިޗު މަހު 236، އެޕްރީލް މަހު 232، މޭ މަހު 238 އަދި ޖޫން މަހު 205 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މީގެ ތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ.
އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން ޖުމްލަ އެކްސިޑެންޓްތަކުގެ 83.25 އިންސައްތަ ނުވަތަ 1,128 އެކްސިޑެންޓް މާލޭގައި ހިނގާފައިވާއިރު، ބްރިޖާއި ހައިވޭ ސަރަހައްދުގައި ހިނގާފައިވަނީ 227 އެކްސިޑެންޓެވެ. މި ހާދިސާތަކުގައި ޖުމްލަ ދެ މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ.
މި އެކްސިޑެންޓްތަކުގައި ޖުމްލަ 1,482 އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އުޅަނދުތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އިންޝުއަރެންސް މެދުވެރިކޮށް 3.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ނަގައިދެވިފައެވެ. އަނިޔާވި މީހުންގެ ތެރެއިން 31 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ދުވެލި މަޑުކުރުމަށާއި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައިގެން އުޅަނދު ދުއްވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.



